މާލޭގެ މުހިންމު އާސާރުތަކެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާ ހަވާލުކޮށްފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ވަނީ ސްޓެލްކޯއާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މާލޭގެ މުހިންމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.
ސްޓެލްކޯ އިން ބުނީ އެ އެއްބަސްވުމުގެ ދަށުން މާލޭގައި ހުރި މުހިންމު އާސާރުތައް ރައްކާތެރިކަމާއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި މަސައްކަތްތައް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ މުއްދަތަށް އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ، އެ އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާ ގުޅިގެން ލަސްވެގެންދިޔަ ނަމަވެސް ދެން އެ މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށާއި އެއީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް އެކަން ބަލަމުން ގޮސްފައިވާނެ ކަމަށެވެ.
ވިއްސާރަ މޫސުމަކަށްފަހު ހުކުރު މިސްކިތުގެ މުންނާރު ހިކުމަށް ވަގުތުކޮޅެއް ދޭންޖެހޭ ކަމަށާއި އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކެއް ހުރުމާއެކު މަސައްކަތް ލަސްވީ ކަމަށެވެ. އަދި މޫސުން ތަން ދިން ނަމަ، މިހާރު އެ މަސައްކަތް ފެށުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ސްޓެލްކޯއަކީ ކުރީއްސުރެވެސް އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއަށް އަދި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވުމަށްފަހު ވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސްޓެލްކޯ އިން މީގެ ކުރިންވެސް ވަނީ އެފަދަ އެއްބަސްވުމެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގާ ވަޅުތަކާއި މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.