ޚަބަރު

ފަލަސްތީނުގެ ރައްކާތެރިކަމަށް ކިޔަން ފެށި ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

ފާތިމަތު ލިޔުޝާ

ފަލަސްތީނުގެ ރައްކާތެރިކަމަށް ކިޔަންފެށި ގުނޫތުލް ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިން އެފެއާޒުން އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުގެ މަޣްރިބް ނަމާދަށް ފަހު ގުނޫތުލް ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކަށް އަންގާފައިވާ ކަމަށެވެ.

އެ އިއުލާނުގެ ކޮޕީ ރާއްޖޭގެ ސިޓީ ކައުންސިލު އިދާރާތަކަށާއި އަތޮޅުތަކުގެ އިދާރާތަކަށާއި އަދި ރަށު ކައުންސިލުތަކަށްވެސް ފޮނުވުމަށް އަންގަފައިވާނެ ކަމަށާއި އަދި އެ އިއުލާނުގެ ކޮޕީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށްވެސް ފޮނުވާފައިވާނެ ކަމަށެވެ.

ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ދަނީ ކިޔަމުންނެވެ. އަޑުހަރުކޮށް ކިޔަވާ ނަމާދުތަކަކީ މަޣުރިބު، އިޝާ އަދި ފަތިސް ނަމާދެވެ.

އޭގެ ފަހުން ފަލަސްތީން ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ފަރުޟު ފަސްނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ އޮކްޓޯބަރު 18 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ފަހުން ޑިސެމްބަރު މަހު ވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެކަނި ގުނޫތު ކިޔާ ގޮތަށް ނިންމައިފައެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

ސަރުކާރުން މިހެން ނިންމާފައި ވާއިރު، ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ކުރިއަށް ގެންދާ ހަމާލަތަކަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށް އެބަދެއެވެ.

އެގޮތުން ރޭ ރަފާހް ސިޓީގެ ކިންޑަގާޑެން ސްކޫލަށް ދިން ހަމަލާގައި 92 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 27،620 މީހުން ވަނީ މަރުވެފައެވެ. އަދި 70،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.