ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް އަވަސްކުރަން ޕީޖީން ކޯޓުތަކަށް ސިޓީ ފޮނުވަނީ

ފާތިމަތު ލިޔުޝާ

ކޯޓަށް ހުށަހަޅާ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން އޮޓޮމެޓިކް ސިޓީ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އަވަހަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ގެވެށި އަނިޔާގެ މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި މައްސަލައިގެ ޝަރީއަތް ބަލާ ދުވަސްތަކާއި އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، ޕީޖީ އޮފީހުގެ ވެންސައިޓުން މިހާރު ބެލޭނެ ކަމަށެވެ.

އޭގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި ކުށުގެ ޝިކާރައަކަށްވި މީހާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އަންގައިދީ، އެ ކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުން ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ ދައުވާކުރާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ ޝަރީއަތް މެދުކެނޑުމެއް ޝަރީއަތް ކުރިއަށް ގެންގޮސް މައްސަލަ ނިންމުމަށް އެދި އެފަދަ ކޮންމެ މައްސަލައެއްގައި، އެ މައްސަލައެއް ހުށަހަޅާ ކޯޓަށް ޕީޖީ އޮފީހުން އޮޓޯއިން ސިޓީއެއް ފޮނުވަން ފެށާފައިވާ ކަމަށެވެ.

"އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުން. އަދި މައްސަލަ ލަސްވެގެން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ފަހުން މީހަކު އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލިނަމަވެސް، އެމުއާމަލާތުތައް ފެންނަން ހުންނާނެ،" ޕީޖީން ބުންޏެވެ.

މިކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައި ދިނުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.