އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ވެސް ފަށާފައިވަނީ އެއް ވަގުތެއްގައެވެ. އެ ދެ ޕާޓީން ވަކިވަކިން ޕްރައިމަރީ ކުރިއަށްގެންދާ އިރު، ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި 38 ދާއިރާއަކަށް ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށްދާނެއެވެ. ޕްރައިމަރީގައި ވޯޓުލުމަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާ އިރު، މާލޭގައި ބަހައްޓަނީ 27 ފޮއްޓެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 25،325 މީހުންނަށް ލިބިގެންވެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނުވެފައިވާ ދާއިރާތަކަކީ އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާ، ފުވައްމުލަކު ސިޓީ ދެކުނު ދާއިރާ، ތިމަރަފުށި ދާއިރާ، ނިލަންދޫ ދާއިރާ، މުލަކު ދާއިރާ، ފެލިދޫ ދާއިރާ، އަދި އޭދަފުށި ދާއިރާއެވެ. އެ ދާއިރާތަކަށް ކުރިމަތިލާފައި ނުވި ނަމަވެސް، އެ ދާއިރާތައް ވެސް އެހެން ޕާޓީތަކަށް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ މަޖިލިސް ޓިކެޓު ޕްރައިމަރީއަކާ ނުލައި ވަނީ 48 ކެންޑިޑޭޓަކަށް ކަށަވަރުވެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 20 މެންބަރަކަށް ވަނީ ކަށަވަރުވެފައެވެ.
މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ވާދަކުރުމަށް ޑިމޮކްރެޓްސް އިން ވެސް ވަނީ ނިންމައިފައެވެ. ނަމަވެސް ބައެއް ދާއިރާތަކުގެ ޕްރައިމަރީއަށް ކުރިމަތިލައިފައެއް ނުވެއެވެ. އެ ޕާޓީގެ ޕްރައިމަރީ ކުރިއަށްދާނީ ވެސް އެންމެ ދެ ދާއިރާއެއްގައެވެ.
ޑިމޮކްރެޓްސްއިން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 41 ދާއިރާއަކުން 46 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ދެ ދާއިރާއަކަށެވެ.
ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުން ނުވި ދާއިރާތަކަށް ކެންޑިޑޭޓުން ހޯދަން އެ ޕާޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފައެވެ. އެ ދާއިރާތަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ނިންމާފައިވަނީ ޕާޓީގެ ކައުންސިލުންނެވެ. އެގޮތަށް އެކަން ނިންމަން ޖެހުނީ ވާދަވެރި ޕްރައިމަރީއަކަށް ހުޅުވާލާނެ ވަގުތު ނެތުމުން ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.