އަންހެނަކު ވިހެއުމަށް ކަފާލިތަން ފެހުމަށްޓަކައި ބޭނުން ކުރި ރޮދިކޮޅު ނުވިރި ހުރީ ހޮސްޕިޓަލުގެ އިހުމާލުންކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އާސަންދަ ކޮންޕެނީ ލިމިޓެޑުން ބުނެފިއެވެ.
އާސަންދަ ކޮންޕެނީ ލިމިޓެޑުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީގެ ދެއަހަރު ކުރިން ހުޅުމާލޭ ހޮސްޕިޓަލުގައި ވިހޭ އަންހެނަކު، ވިހެއުމަށްޓަކައި ކަފާލިތަން ފެހުމަށް ބޭނުން ކުރި ރޮދިކޮޅެއް ނުވިރި ހުރެގެން އެއީ ހޮސްޕިޓަލުގެ އިހްމާލެއްގެ ސަބަބުންވީ ކަމެއް ކަމުގައި މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަތަކެއް ފަތުރަމުން ގެންދާ ކަމުގައެވެ. އަދި އެކަމަކީ ހޮސްޕިޓަލުގެ ވަކި މުއައްޒަފެއްގެ އިހުމާލު ހިމެނޭ ކަމެއް ކަމުގައި މީސް މީޑިއާގައި ވާހަކަ ފަތުރަމުން ގެންދާކަމުގައެވެ.
އެ ގޮތަށް ފަތުރަމުން ގެންދާ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް އެކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އާސަންދައިގެ ނޫސްބަޔާނުގައިވެއެވެ.
މީގެ އިތުރުން ހަގީގަތާ ހިލާފު މިފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
އާސަންދައިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ފެހުމުގައި ބޭނުން ކުރާ ރޮއްޖަކީ ބައެއް ފަރާތްތަށް، މަދުން ނަމަވެސް އެލާޖިކުވާ އެއްޗެއް ކަމަށާއި، އެލާޖިކް ވާނެކަން ދުރާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެކަމުގައެވެ. އެހެންކަމުން ރޮދިކޮޅު ނުވިރި ހުރުމަކީ އެއްވެސް ފަރާތެއްގެ އިހުމާލުން ވާނެ ކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.