ޚަބަރު

ކާގޯ ޓާމިނަލަށް ބޭނުންވާ އީޔޫ އަދި އިނގިރޭސިވިލާތުގެ އާރްއޭ3 ވެލިޑޭޝަން އޮޑިޓް ނިންމައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލަށް ބޭނުންވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިނގިރޭސިވިލާތުގެ އާރްއޭ3 ވެލިޑޭޝަން އޮޑިޓް ނިންމައި ރިޕޯޓުގައި ސޮއިކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް އެންޑް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ އެ އޮޑިޓަކީ ކާގޯ ސީދާ އީޔޫ އަދި އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރުމަށް ބޭނުންވާ ސެކިއުރިޓީ ސްޓޭންޑާޑުތަކާ ގުޅޭ މުހިންމު ކަމެއް ކަމަށެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ކާގޯ ޓާމިނަލް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފު ވިދާޅުވެފައިވަނީ އާ ކާގޯ ޓާމިނަލަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތެއް ކަމަށާއި އެތަން ހަދާފައި ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

އެގޮތުން، ކުރީގެ ކާގޯ އިމާރާތަކީ މީގެ 40 އަހަރު ކުރިން ހަދާފައިވާ އިމާރާތެއް ކަމުން ޒަމާނީ ފެންވަރަށް އެ ތަނުން ހިދުމަތް ނުދެވޭ ކަމަށެވެ. އެ ޓާމިނަލުގެ ކެޕޭސިޓީއަކީ އަހަރަކު 50 ޓަނު ނަމަވެސް ކެޕޭސިޓީއަށްވުރެ އިތުރަށް 75 ޓަނަށް ހިދުމަތް ދެމުން ދިއުމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އާ ކާގޯ ޓާމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ ކެޕޭސިޓީއަށް ހިދުމަތް ދެވޭނެ ގޮތަށް ހަދާފައިވާ ޓާމިނަލެއް ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ. ކާގޯ ޓާމިނަލް ހުޅުވީ ތިން ބުރީގެ އޮފީސް އިމާރާތަކާވެސް އެކުގައެވެ.

އާ ކާގޯ ޓާމިނަލުގެ މަޝްރޫއަކީ ވީއައިއޭ ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ތެރެއިން ހިންގި މަޝްރޫއެކެވެ.