އިބްރާހިމް ޒަކީ
މިދިޔަ އާދިއްތަ ދުވަހު ބޮންތަކެއް ގޮއްވާލައިގެން ސްރީލަންކާގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިން، ހަފްތާ ބަންދުގައި ވެސް މީހުން ގިނަވެއުޅޭ ތަންތަނަށް ނުދިއުމަށް ލަންކާގައި ހުންނަ ދިވެހި އެންބަސީން އިލްތިމާސް ކޮށްފިއެވެ.
ދިވެހި އެންބަސީން މިކަމަށް އިލްތިމާސްކޮށް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ލަންކާގައި ކާފިއު ހިންގާފައި އޮންނަ ގަޑިތަކުގައި ވެސް ގޭގައި މަޑު ކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ސްރީލަންކާގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިން، ހަފްތާ ބަންދުުގައި ވެސް މީހުން ގިނަވެއުޅޭ ތަންތަނަށް ވަޑައިނުގަތުމަށާއި ކާފިއު ގަޑިތަކުގައި ގޭގައި މަޑު ކުރެއްވުމަށް އިލްތިމާސް ކުރަން،" އެމްބަސީން ބުނެފައިވެއެވެ.
ބޮންތަކުގެ ހަމަލާއަށްފަހު ކޮންމެ ރެއަކު ލަންކާގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން މިރޭ ކާފިއު އިއުލާންކޮށްފައިވަނީ 10:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. ރޭގައި ވެސް ހަމަ އެ ގަޑިތަކުގައި ކާފިއު އިއުލާންކުރިއެވެ.
މާދަމާއަކީ ހުކުރު ދުވަހެވެ. އެހެންކަމުން ލާންކާގައި ދިރިއުލޭ ގިނަ އަދަދެއްގެ ދިވެހިންވެސް ހުކުރު ނަމާދަށް ދާނެ ކަމަށް ވަނީބެލެވިފައެވެ.
ލަންކާގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ހައްޔަރު ކޮށްފައިވާއިރު، އިތުރު ހަ މީހަކު ހޯދުމަށް ލަންކާ ފުލުހުން އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
ލަންކާ ފުލުހުން ހޯދަން އިއުލާންކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ތިން އަންހެނުންނެެވެ.
ލަންކާ ފުލުހުން ވަނީ އެމީހުންގެ ފޮޓޯއާއި ނަން ވެސް އާންމުކޮށްފައެވެ. އެމީހުންގެ މައުލޫމާތެއް ލިބިއްޖެ ނަމަ، ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ)އާ ގުޅައި، ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާގައި 360 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.