މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓު އިތުރު ތިން ކެންޑިޑޭޓަކަށް ކަށަވަރުވެއްޖެއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޓިކެޓު ކަށަވަރުވި ތިން ކެންޑިޑޭޓުންނަކީ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ދެ މެމްބަރެއް ކަމަށްވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު، ދިއްދޫ ދާއިރާގެ މަޖިލިސް އަބްދުﷲ ވަހީދުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ޓިކެޓު ލިބިވަޑައިގަތް އިފްހާމް ހުސެއިން ކަމަށެވެ.
އެމްޑީޕީން މިދިޔަ މަހުގެ ތިންވަނަ ދުވަހު ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި 35 ކެންޑިޑޭޓަކަށް ކަށަވަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 15 މެމްބަރަކު ހިމެނިވަޑައިގަންނަވާ ކަމަށް އެ ފަހަރު ބުނެފައިވެއެވެ.
އެފަހުން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެމްޑީޕީން ބުނެފައިވަނީ އިތުރު 10 ކެންޑިޑޭޓަކަށް، ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ މަޖިލިސް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރަކު ހިމެނޭ ކަމަށެވެ.
އެމްޑީޕގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު ވިދާޅުވީ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި 40 ދާއިރާއަކަށް ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ޕްރައިމަރީގައި ވޯޓުލުމަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި މާލޭގައި ބަހައްޓާނީ 27 ފޮށި ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ވޯޓުލާ ކަރުދާސް ހުންނާނީ ކަޅު ކުލައިން ކަމަށާއި މާލޭގައި ވޯޓުލާ ކަރުދާސް ހުންނާނީ ހުދު ކުލައިން ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލޭގައި ވޯޓުލާ ދެ ލިސްޓު އޮންނާނެ ކަމަށާއި އެއީ މާލެއަށް ރަޖިސްޓްވެފައި އޮތް ލިސްޓަކާއި ރަށްރަށުގައި އޮންނަ ލިސްޓު ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 25،325 މީހުންނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.