ޚަބަރު

ލޯނެއް ނަގައިގެން ވިޔަސް، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޭނަން: ރައީސް

މުހައްމަދު އިޝާން

ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްކިރައި، މަސްވެރިންނަށް ފައިސާ ނުދޭތީ މަސްވެރިޔަކު ވަނީ އެކަމަށް ނުރުހުން ފާޅުކޮށް، ރައީސް މުއިއްޒާ ސުވާލު ކުރައްވައިފައެވެ.

ސަރުކާރުން މިއަދު އާންމުކުރި ވީޑިއޯއެއްގައި އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް އިނދަޖެހިފައިވާ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ މަސްވެރިކަމަށް ވޭތުވެދިޔަ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ވަރަށް އަވަހަށް ހަވާލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން ވަރަށް ޔަގީންކަން އެބައޮތް އަވަހަށް ހައްލުކޮށް ދެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ސަރުކާރުން ވަރަށް އަވަަހަށް ހަވާލުކުރާނެ ކަމަށެވެ. ސަރުކާރަށް އެންމެ މުހިންމު އެއް ކަމަކީ މަސްވެރިން ބާނާމަހަށް ފައިސާ ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށެވެ. ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން 200 މިލިއަން ވަރަކަށް ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އޭގެ އިތުރުން ވެސް އިތުރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާ އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު 270 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.