އިބްރާހިމް ޒަކީ
ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެސްޓީއޯއަށް 2.4 ބިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު މިރޭ ވިދާޅުވީ، އެ ފައިސާއަކީ، މީގެ ހަތަރު ފަސް އަހަރު ކުރިން އެސްޓީއޯއިން ކޮށްފައިވާ ވިޔަފާރިތަކަށް ދޭނެޖެހޭ ފައިސާ ކަމަށެވެ.
މީގެ ގާތްގަނޑަކަށް ހަތަރު ފަސް އަހަރުކުރިން ކޮށްފައިހުރި ވިޔަފާރިއަށް ލިބެންހުރި ގާތްގަނޑަކަށް، ސަރުކާރައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 2.4 ބިލިޔަން ރުފިޔާ ނުލިބިއެބަވޭ،" ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިރޭ އަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ފައިސާ އަދިވެސް އެސްޓީއޯއަށް ލިބޭނެ ގޮތެއް ނެތް ކަމަށާއި، އެ ފައިސާ ދޭނެ ކެޕޭސިޓީވެސް ސަރުކާރުގައި ނެތް ކަމަށެވެ.
އަމްރު ވިދާޅުވީ ސަރުކާރު ބަދަލުވެގެންގޮސް އާ ސަރުކާރާއެކު އެސްޓީއޯއާ ހަވާލުވީ، ހުސްވި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން ކަމަށެވެ.
އޭރުވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އެސްޓީއޯއިން ކުރި ވިޔަފާރިއަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަދުވަސްވެގެންގޮސް އެތައް ފައިސާތަކެއް ބްލޮކްވެފައިހުރުން ކަމަށެވެ. އޭގެ ސަބަބުން ކުރަމުންދާ ވިޔަފާރިތަކަށް ވަރަށްބޮޑެތި އުނދަގޫތަކެއް ދިމާވަމުންދިޔަ ކަމަށާއި، އޭގެ އެންމެބޮޑު ގެއްލުމަކީ އެހެންތަނަކުން (ބޭންކުން) ފައިނޭންސް ހޯދައިގެން ވިޔަފާރިކުރުން ކަމަށާއި، އޭރުން ވިޔަފާރި ކުރަންދާ ހަރަދު އިންތިހާއަށް ބޮޑުވެގެންދާ ކަމަށެވެ.
"އެހެންވީމަ ވިޔަފާރިކުރަންދާ ހަރަދު އިންތިހާއަށް ބޮޑުވެގެންދޭ. އެއީ ރަނގަޅަށް ފައިސާ ލިބޭ ކަމަށްވަނީ ވިއްޔާ ކުރަންނުޖެހޭނެ ހަރަދުތަކެއް ކުރަންޖެހުން. އެހެންވީމާ އެ ހަރަދު ބޮޑުވެގެންގޮސް ފައިދާއަށް އޭގެ އަސަރު ކުރާވަރަށް ކަންތައްތައް ގޮއްސަ އޮތީ،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއާ ހަވާލުވެ ވަޑައިގެން ގެންނެވި ބަދަލުތަކާ ގުޅިގެން އެސްޓީއޯގެ ފައިދާ ވަރަށް ބޮޑުތަނުން އިތުރު ވެފައިވާކަމަށެވެ.