މަސްތުވާތަކެއްޗާއެކު 19 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިި، މަސްތުވާތަކެއްޗާއެކު 19 ދިވެއްސަކު ހައްޔަރުކޮށްފައި ވާކަމުގައެވެ.
މަސްތުވާތަކެތި ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކަކާއި ގުޅިގެން ހިންގި މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 38 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ.
އެގޮތުން މިއަދު ހިންގި ފުރަތަމަ އޮޕަރޭޝަންގައި، ގަލޮޅު ގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އެގެއިން ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުންނެވެ.
މީގެއިތުރުން މިއަދު ހިންގި ދެވަނަ އޮޕަރޭޝަންގައި ގަލޮޅުގެ އިތުރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފަސް ފިރިހެނުންނެވެ. މި ދެ މައްސަލަވެސް ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.