ޚަބަރު

މިފްކޯއިން ކަންނެލި ގަންނަން ގޮވާލައިފި

އައިޝަތު އަފްޝަން

މިފްކޯއިން ކަންނެލި މަސް ގަންނަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ.

ބީކޭއެމްޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ބަނޑުފުރާނަ މުއްތިކޮށް ހަމަޖެހޭ ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތުގައި އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހެވެން ނެތް ކަމަށެވެ. އަދި މަސްވެރިންނާއި މަސްގަންނަ ފަރާތްތަކާއި ސަރުކާރު ޝާމިލުވާ ގޮތަށް މަޝްވަރާ ބައްދަލުވުންތައް ބާއްވައި، އެދެވޭ ހައްލުތައް ގެނެސްދިނުމަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ބޮޑުކަންނެލި ގަނެވޭ އެންމެ ދަށް އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގަކަށް ކަނޑައެޅުން އަވަސްކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. ބިން ހިއްކުމަށް ވެލި ނަގައި، އެ ސަރަހައްދުތައް ކިލަނބުވުމުން އެންވެރިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ކަންނެލި މަސްވެރިކަން ކުރަން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ކަންނެލި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި މަސްކަނޑުތައް އިތުރަށް ހަރުދަނާކޮށް ބަލަހައްޓައި މޮނިޓާކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.