ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުންނާއި، އެ ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑެޒްމޮންޑް ލީއާ އެކު ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑެޒްމޮންޑް ލީއާއެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި، ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވަނީ، ސިންގަޕޫރުން އަބަދުވެސް ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.