ޚަބަރު

ފުލުހުން "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި

ފުލުހުން "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ މާލޭ ސިޓީގައި މަސައްކަތްކުރާ ފުލުހުން، ރައްޔިތުންނާގާތުން ޚިދްމަތްދިނުމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލު ހޯދައި، ރައްޔިތުންނާއި ގުޅިގެން އެކުވެރި މާހައުލެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކެންޕޭނެކެވެ.

މި ކެމްޕޭނުގައި މާލޭގައި މިހާރު އޮންނަ ހަތަރު ނެއިބަރހުޑުން، ކޮންމެ ނެއިބަރހުޑެއް ދެ ޒޯނަކަށް ބަހާލުމަށްފަހު، އޭގެން ކޮންމެ ނެއިބަރހުޑެއް ހަ ސަބް ޒޯނަށް ބަހާލުމުން ޖުމްލަ 48 ސަބް ޒޯނަށް މާލެ ބަހާލުމަށްފަހު މީގެން ކޮންމެ ސަބް ޒޯނެއްގައި ދެ ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުން ހަރަކާތްތެރިވާނެއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގައި މިއަދު މިކެމްޕޭން ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މިކެމްޕޭން ފައްޓަވައިދެއްވާ އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނާ މުއާމަލާތު ކުރުމުގައި ފުލުހުން ސަމާލުކަންދޭންވީ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި، ހެޑް އޮފް ގަލޮޅު ޕޮލިސް، އިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު އާއި، ހެޑް އޮފް މާފަންނު ޕޮލިސް، އިސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދުގެ އިތުރުން ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުންނާއި ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ.