ޚަބަރު

ގެމަނަފުށީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީ ނުބާއްވަން ވަގުތީ އަމުރެއް ނުނެރެދިން

އިބްރާހިމް ޒަކީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގއ. ގެމަނަފުށީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީ ނުބާއްވަން ގއ. ކަނޑުހުލޫދޫ ފީރޯޒުގެ އަޒުމޫން އަހުމަދު ދީދީ އެދުނު ގޮތަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެއެއް ނުދިނެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިނތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފުޅާކޮށް އަޒުމޫން ފޯމު ހުށަހަޅާފައި ވަނިކޮށް އެ ފޯމު ބަލައި ނުގަތުމަށް އެމްޑީޕީން ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އަޒުމޫން އެދިފައި ވަނީ އެމްޑީޕީގެ ނިންމުމަކީ ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އަޒުމޫންގެ ފޯމް ބަލައިގަނެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް މައުލޫއީގޮތުން މި މައްސަލައަށް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އަޒުމޫން ވަނީ ހުށަހަޅައިފައެވެ.

އޭނާ ކޯޓުގައި ބުނެފައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން، ގެމަނަފުށީ ދާއިރާގެ ޓިކެޓް އެހެން ފަރާތަކަށް ދީފިނަމަ، އެކަމުގެ ސަބަބުން މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރާ ހާލަތުގައި އެ ހުކުމް ތަމްފީޒު ނުވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާއަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިގެންދާނެ ކަމަށްޓަކައި، މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ގެމަނަފުށީ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރުމުގެ ޓިކެޓް އެއްވެސް ފަރާތަކަށް ނުދިނުމަށް އަންގައި އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަޑައަޅައިފައެވެ.

ސަބައެއްގެ ގޮތުގައި އެ ހުކުމްގައި ވަނީ، އެމްޑީޕީން ޓިކެޓް ކަށަވަރު ވެފައިވާ ދާއިރާތަށް އަންގައި އިއުލާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ގެމަނަފުށީ ދާއިރާވެސް ހިމެނައިފައިވުމެވެ. އަދި ވަގުތީ އަމުރެއްގެ ޒަރީއާއިން ހުއްޓުވުމަށް އެދިފައިވާ ކަމަކީ މި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި ތާރިހު ކަމަށްވާ 17 ޖަނަވަރީ އިން ބެލިޔަސް ނުވަތަ އަޒުމޫންގެ ފަރާތުން ކޯޓަށް ދައުވާ ހުށަހެޅި ތާރީހު ކަމަށްވާ 16 ޖަނަވަރީން ބެލިޔަސް އެ ކަމަކީ އެ ތާރީހުގެ ކުރިން ނިމިފައިވާ ކަމެއްކަން އެނގޭތީ ކަމަށްވެސް ހުކުމްގައި ވެއެވެ.