ދ. ހުޅުދެލީ ކައުންސިލާއި ބ.ކެންދޫ ކައުންސިލުގެ މެންބަރުނާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މެންދުރު ދ.ހުޅުދެލީ ކައުންސިލާއި ބ.ކެންދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވާފައިވާ ކަމުގައެވެ.
ދ.ހުޅުދެލީ ކައުންސިލުގެ މެންބަރުންނާއި ރައީސް ބައްދަލުކުރެއްވުމުން، ރަށުގެ މިހާރުގެ ހާލަތާއި، ހުޅުދެލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ. މީގެ އިތުރުން ރަށުގެ ކަރަންޓުގެ ހާލަތުދަށްވުމާއި، ބަނދަރުގެ ދަތިކަމާއި، ރަށުގެ ސިއްހީ މަރުކަޒުން ލިބެންހުންނަ ސިއްހީ ހިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަނީ ރައީސާ ހިއްސާ ކުރައްވައިފައެވެ.
އަދި ރަށުގެ ބިން ހިއްކުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވެފައިވާކަން ވެސް ހުޅުދެލީ ކައުންސިލުގެ މެންބަރުން ފާހަގަކުރައްވައިފައިވެއެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މިގޮތުން ބަނދަރުގެ ދަތިކަން ހައްލުކުރުމާއި ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބ.ކެންދޫ ކައުންސިލުގެ މެންބަރުނާ ރައީސް ބައްދަލު ކުރެއްވުމުން، ކައުންސިލްގެ މެންބަރުން ވިދާޅުވެފައިވަނީ، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ނެތުން ކަމުގައިއެވެ.
އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ހިއްސާ ކުރެއްވިއެވެ.
މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ކައުންސިލު މެންބަރުން ވަނީ ރަށުގައި އެކަށީގެންވާ މިސްކިތެއް ގާއިމްކޮށްދެއްވުމަށާއި، ރަށުގެ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ޒުވާނުންނަށް ހާއްސަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އައްސަވައި ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކެންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.