ދ. މާއެނބޫދޫ ޕޮލިސް ޑެސްކް ރަސްމީކޮށް ހުޅުވައިފި އެވެ.
އެކަމަށް ހާއްސަކޮށްގެން މިއަދު މާއެނބޫދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މާއެނބޫދޫ ޕޮލިސް ޑެސްކް ހުޅުވައިދެއްވީ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އިމްރާނާއި ކޮމިޝަނާ ހަމީދު ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވައިފައެވެ.
މިނިސްޓަރ އިމްރާން ޝަރަފުވެރި ކޮށްދެއްވި މި ރަސްމިއްޔާތު ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ގާއިމް ކުރެވިގެން ދިއުމަކީ އެރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް އެޅިގެންދާ ބިންގަލެއް ކަމަށެވެ. މީގެ އިތުރުން ރަށެއްގައި ހިނގާ ކޮންމެ ކަމަކަށް 24 ގަޑިއިރު ހާޒިރުވުމަކީ ފުލުހުންގެ އަމާޒަށް ހަދައިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ފުލުހުންގެ ކިބައިން އެދިލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ހަމީދު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާ ގުޅިގެން ވީހާވެސް ރައްޔިތުންނާ ގާތުން ހިދުމަތްދޭ ބައެއް ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލާފައިވާ ފުލުހުންގެ ތަސައްވަރުގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ބޭނުންތެރި ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރުމަށް ހަމީދު އެދިވަޑައިގަތެވެ. އަދި މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ގާއިމް ކުރެވިގެން ދިޔަ ކަމަކީ ފުލުހުންގެ ހިދުމަތް ފުޅަކުރަން މަސައްކަތް ކުރާކަމުގެ ހެއްކެއް ކަމަށް ހަމީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ ހަމީދާއި، މިނިސްޓަރ އިމްރާންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންމާނު ޔޫސުފް އާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫސް އާއި ފުލުހުންގެ އެކްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި މާއެނބޫދޫ ކައުންސިލް މެމްބަރުންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.