އިޒްރޭލާ ދެކޮޅަށް، ސައުތު އެފްރިކާއިން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެބިނެޓުން ނިންމެވި ކަންކަމުގެ މައުލޫމާތުދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެ ތަމްސީލުކުރާ އޭޖެންޓަކަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހަމަޖައްސަވަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ސައުތު އެފްރިކާއިން، އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ އިޒްރޭލުން ވަނީ ބައިނަލްއަގުވާމީ ގަތުލުއާންމުގެ މުއާހަދާއާ ހިލާފުވެފައި ކަމަށެވެ. އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ މި މަހުގެ ކުރީކޮޅުއެވެ. ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލައިގައި ގާޒާގައި ހަމަލާ ބަދަލުކުރުން ވަގުތުން މެދުކަނޑާލުމުގެ އަމުރެއް ނެރެދިނުމަށްވެސް އެދުނެވެ.
އެ މައްސަލަ ބާތިލުކުރުމަށް އިޒްރޭލުން ކޯޓުގައި އެދިފައި އޮތް ނަމަވެސް މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރުން ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށާއި އެހެންވެ އެ މައްސަލަ ބެލުމުގެ އިހުތިސާސް ކޯޓަށް ލިބިގެންވާ ކަމަށެވެ.
ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލައިގައި އައިސީޖޭ އިން މިދިޔަ ހުކުރު ދުވަހު ވަގުތީ އަމުރެއް ނެރުމުގެ މަގުސަދަކީ އެ މައްސަލައިގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާއިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ.
އެ މައްސަލައާ ގުޅިގެން އައިސީޖޭ އިން ނެރުނު އަމުރުގައި އިޒްރޭލުން، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އަންގައިފައެއް ނުވެއެވެ.