ރައީސް ޔާމީން

ރައީސް ޔާމީންއާ ދެކޮޅަށް ހުށަހެޅި ހެކީންގެ ތެރޭގައި އަދީބު، ޒިޔަތު އަދި ޒަމީރު

2

މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންއާ ދެކޮޅަށް ހުށަހެޅި ހެކީންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު އަދި ބީއެމްއެލްގެ ބޯޑުގައި ތިއްބަވާ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް، އެ ހެކިތަކާ ގުޅޭގޮތުން ސުވާލުކޮށްފައި ނުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޑުއެހުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާއަކީ ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއް ސާފުނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނޫން ކަމަށާއި އެއީ އެސްއޯއެފްގެ އެކައުންޓަކުން ފޮނުވި ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮން ކުށެއް ކޮށްގެން ކުރާ ދައުވާއެއްކަން ސާފުނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، ދައުލަތުގެ ވަކީލު ވިދާޅުވީ އެ ދައުވާއަކީ ކޮރަޕްޝަންގެ ކުށެއް ކަމަށް ބަލައިގެން ކުރާ ދައުވާއެއް ކަމަށެވެ. އަދި ދައުލަތުން ވަނީ ރައީސް ޔާމީންގެ ބަޔާން ވެސް ހުށަހަޅުއްވައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ ދިހަ ދުވަސް ފަހުންނެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައީ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ އަޑުއެހުމެވެ. އެހެންކަމުން މިއީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނު ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ އުފުލުމުން، އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ، އެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެމަނިކުފާނު ޖަލަށް ގެންދިޔައެވެ.

ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި ބަންދުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް މެއި 28 ގައި އެމަނިކުފާނު ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟