ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ސިންގަޕޫރުގެ ނާކޮޓިކްސް ބިއުރޯ އަދި ޕްރިޒަންސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ އެގައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން އެ ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ގައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމައުގެ ތެރެއަށް ނުކުންނަ އިރު، އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމަށްފަހު ނައިބު ރައީސް ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވައިލައްވައިފައެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ފާއިތުވި އަހަރުތަކުގައި، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައިވެސް ބޮޑުވަމުންދާ މައްސަލައަކަށްވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އެހެނިހެން އިޖުތިމާއީ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ގައުމުތަކުގެ މާހިރުންގެ ލަފަޔާއެކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންއަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.