ޚަބަރު

ޕަވާ އިންޖިނިއަރިން އަށް 35.2 މިލިޔަން ރުފިޔާ ދައްކަން ފެނަކައަށް އަންގައިފި

އިބްރާހިމް ޒަކީ

ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް 35،246،604 ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގައި ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ޕަވާ އިންޖިނިއަރިންގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއެކު ހެދި 8 އެއްބަސްވުމެއްގެ ދަށުން ސަޕްލައި ކޮށްދިން ތަކެއްޗާއި ޕަވަ އިންޖިނިއަރިންގެ ފިހާރައިން ނެގި ތަކެއްޗަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ޕަވާ އިންޖިނިއަރިންގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލައިގައި ޕަވާ އިންޖިނިއަރިންގެ ފަރާތުން ހުށަހަޅާފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެކު ހެދި އެއްބަސްވުންތަކުގެ ދަށުން ސަޕްލައި ކޮށްދިން ޖަނަރޭޓަރު ތަކަކާއި، ކޭބަލް ތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކައިވާ 32.3 މިލިޔަން ރުފިޔާ އާއި ޕަވާ އިންޖިނިއަރިންގެ ފިހާރައިން ފެނަކަ ކޯޕަރޭޝަނުން ނެގި މުދަލަށް ދައްކަން ޖެހި ނުދައްކައި އޮތް ހަ މިލިޔަން ރުފިޔާ އާއި މި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ގާނޫނީ މަސައްކަތުގެ ގޮތުގައި ހޭދަވި 70،000 ރުފިޔާއާއެކު ޖުމުލަ 38.4 މިލިޔަން ރުފިޔާ އެކީ އެއްފަހަރާ ލިބިދިނުމަށެވެ.

މި މައްސަލަ ބަލައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޕަވާ އިންޖިނިއަރިންގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ސަޕްލައި ކޮށްދިން ޖަނަރޭޓަރު ތަކަކާއި، ކޭބަލް ތަކަށް ދައްކަން ޖެހި ނުދައްކާފައިވާ 30.4 މިލިޔަން ރުފިޔާ އާއި ޕަވާ އިންޖިނިއަރިންގެ ފިހާރައިން ފެނަކަ ކޯޕަރޭޝަނުން ނެގި މުދަލަށް ދައްކަން ޖެހި ނުދައްކައިވާ، 4.8 މިލިޔަން ރުފިޔާ އަކީ ފެނަކަ ކޯޕަރޭޝަނުން ޕަވާ އިންޖިނިއަރުން އަށް ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، ގާނޫނީ މަސައްކަތަށް ހަރަދުވިކަމަށް ޕަވާ އިންޖިނިއަރިންގެ ފަރާތުން ބުނާ ފައިސާ ޝަރީއަތުން ނަގައިދޭން ޖެހޭ އެއްވެސް ހެއްކެއް ނުވަތަ ތަފްސީލެއް ހުށަހެޅުމެއް ނެތި ބުނެލާ ބުނެލުމެއްގެ މައްޗަށް ބިނާކޮށް ނަގައިދެވެން ނެތްކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ފެނަކައިން ޕަވާ އިންޖިނިއަރިންއަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ފައިސާ މިއަދުން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށްވެސް ހުކުމްގައި ވަނީ ފެނަކައަށް އަންގައިފައެވެ.