ޚަބަރު

ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުން: ގާސިމް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު ހަލާކުކޮށްލުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްވަމުން ގާސިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކޮށްފައި ވަނީ ރައްޔިތުންގެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންނަށް ރުހުން ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ މައްސަލަ ދިރާސާކުރި، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައިވެސް ވަޒީރުންގެ މައްސަލައެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުންދޭން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި، މަޖިލީހުގެ ހުރިހާ މެންބަރުން ވަޒީރުންނަށް ރުހުން ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން މަޖިލީހުން ވަޒީރުންނަށް ރުހުން ދީފައިވާ ގޮތަށް އަލިއަޅުވާލައްވައި ގާސިމް ވިދާޅުވީ، 2008 އަހަރާއި 2013 ވަނަ އަހަރާއި އަދި މިދިޔަ އެމްޑީޕީގެ ވެރިކަން 2018 ގައި އައިއިރު، އެ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަޖިލީހަށް ފޮނުއްވި ވަޒީރުންނަށްވެސް ރުހުން ދިން ކަމަށެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް ޕާޓީން ނިންމާފައިވާތީ، ގާސިމް ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމަށް ރުހުން ނުދޭނެ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެއީ ތައުލީމީ ގާބިލު ބޭފުޅުން ކަމަށާއި، ގާނޫނުއަސާސީގައި ބުނާ ޝަރުތު ފުރިހަމާ ބޭފުޅުންނަށްވާއިރު އެ ބޭފުޅުންނަށް ރުހުން ނުދޭން ނިންމަނީ ކޮން ގޮތަކުންތޯވެސް ގާސިމް ސުވާލު އުފެއްދެވިއެވެ.

ގާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސައިލުން ކަމަށާއި، އަމިއްލަ އެދުން ކުރިއަށް ނެރެ ގައުމު ހަލާކުކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"އެއްގޮތަކަށްވެސް އެހެން ހައްދަވައިގެން ނުވާނެ ގައުމު ވަރަށް ނިކަމެތި، ނިކަމެތިކަމާ ވޭނުގައި ދަރަނިތައް އިންތިހާ ދަރަޖައަކަށް ބޮޑުވެފައިވާ ވަގުތުގައި ޖެއްސުން ކޮށްގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް، މިއީ ނިކަމެތިކަމެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓް ނުހޮވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރީ، އެމްޑީޕީގެ ވެރިކަން ކަމުނުދާތީ ކަމަށެވެ. އެހެންކަމުން ހާލަތު ދެނެގަނެ ވަޒީރުންނަށް ރުހުން ނުދީ ރައްޔިތުން ހޮވި ސަރުކާރެއްގައި ކޮޅުފައިން ޖެހުމަކީ ކުރަން ހެޔޮވާވަރުކަމެއްނޫން ކަމަށްވެސް ވިދާޅވިއެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމިކްރެޓްސް ނިންމާފައިވާތީ، ގާސިމް ވިދާޅުވީ، ޑިމޮކްރެޓްސް ކިޔާ ބަޔަކު ނުކުމެ މަސައްކަތް ކުރަނީ އަމިއްލަ ގަޔަށް ވަޅި ހަރާ ވައްތަަރަށް ކަމަށާއި، އެއީ ގޯހެއް ކަމަށެވެ.

ރައްޔިތުންނަށް ވަފާތެރިވުމަކީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށްފަހު، ދެން ގޯހެއް ހަދައިފިއްޔާ މަޖިލީހަށް ގެނެސް ސުވާލުކޮށް ފިޔަވަޅު އެޅުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުން ނިންމި ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައިފައި މާދަމާ މަޖިލީހަށް ކުރިމަތިލައިގެން ވޯޓު ހޯދަން ރައްޔިތުންނާއި ހިސާބަށް ދާނެކަމެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.