ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާގެ އަޑުއެހުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ވަޑައިގެންފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ މި އަޑުއެހުމަކީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ އަޑުއެހުމެވެ. އެހެންކަމުން މިއީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި އޮންނާނީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އެމަނިކުފާނަށް ސާފުވޭތޯ ބެލުމާއި ދައުވާއަށް ޖަވާބުދާރީވެ ވަޑައިގަންނަވާނެ ގޮތެއް ބެލުމެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނު ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ އުފުލުމުން، އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ، އެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެމަނިކުފާނު ޖަލަށް ގެންދިޔައެވެ.
ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި ބަންދުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓިގެ އަމުރު ބާތިލްކޮށް މެއި 28 ގައި އެމަނިކުފާނު ވަނީ ދޫކޮށްލައިފައެވެ.