އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓްރީން ރަނގަޅު ނޫން މައުލޫމާތުދީ އޮޅުވާލި ކަމަށް ބުނެ ބަދަލު ހޯދަން ހުށަހެޅި ދައުވާ ބެލުމުގެ އިހްތިސާސް ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މި މައްސަލައަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ހޯދުމަށް އެދި 2016 ވަނަ އަހަރު އަޝްފާގު ހުށަހެޅުމުން، އެ މިނިސްޓްރީން ދިން ޖަވާބުގައި ސައްހަ ނޫން މައުލޫމާތު ހުރިކަމަށް ކަނޑައަޅައި ދިނުމަށާއި އެކަމާބެހޭ ސައްހަ މައުލޫމާތު ޝަރީއަތް މެދުވެރިކޮށް އެ މިނިސްޓްރީން ހޯދައިދިނުމަށާއި އެ މަނިސްޓްރީން ނުރަނގަޅު މައުލޫމާތުދީ އޮޅުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އަޝްފާގު މައުލޫމާތު ހޯދަން އެދިފައި ވަނީ، މަަސައްކަތެއް ކުރަން ނަގައިގެން އުޅެނިކޮށް ށ. މަޑިކުރެއްދޫ ދިގުމުއްދަތަށް ކުއްޔަށްދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުގެ އިހުތިސޯސްއާ މެދު އިއުތިރާޒުކޮށް ދައުލަތުން ބުނެފައި ވަނީ ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން މައިގަނޑު ފަސް ކަމެއް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.
އޭގެ ތެރޭގައި މި މައްސަލަ ބެލުމުގެ ސަރަހައްދީ އިހުތިސޯސް ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާ ކަމަށާއި އަޝްފާގުގެ ފަރާތުން ދައުވާ ހުށަހަޅާފައި ވަނީ އެފަދަ ދައުވާއެއް ހުށަހަޅަން ޖެހޭ ފޯމުން ނޫން ކަމަށާއި އޭނާގެ ޝަކުވާއަކީ ދައުވާކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔުމުން ކޮށްފައިވާ ދައުވާއެއް ކަމާއި އެ ދައުވާ ހުށަހަޅާފައި ވަނީ ރެމެޑީސް އެގްޒޯސްޓް ކުރުމަކާ ނުލައި ކަމަށް ވުމާއި އަޝްފާގުގެ ފަރާތުގައި ދައުވާ އުފުލުމުގެ މަސްލަހަތު ނެތުން ހިމެނެއެވެ.
މި މައްސަލައިގައި ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމުގައި ވަނީ، މަޑިކުރެއްދޫ އާއި އަޝްފާގާ ގުޅުވާލެވޭ ފަދަ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޯކައިދޫއަކީ މަޑިކުރެއްދޫއާ އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށްކަމަށްވެފައި، މިމައްސަލައިގެ ސަރަހައްދީ އިހުތިސޯސް އެ ކޯޓަށް ލިބޭ ކަމަށާއި ކޯޓުތަކުގެ ގާނޫނުންވެސް މިމައްސަލަ ބެލުމުގެ އިހުތިސޯސް ފޯކައިދޫ މެޖިސްޓްރޭޓް ކޯޓް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބެލުމުގެ ފުރިހަމަ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށް ވެސް ވަނީ ނިންމައިފައެވެ.
ނަމަވެސް ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށްބުނެ ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފީ ތިން ނުކުތާއެއް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ދެ ފަރާތުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ، މި މައްސަލަ ބެލުމުގެ އިހުތިސޯސް ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިހުތިސޯސާ މެދު އެ ކޯޓުން ނިންމި ނިންމުން ބާތިލް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.