ޚަބަރު

މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި، ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ގާނޫނީ ވަކީލު މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިއަދު މެންދުރު ފަހު 3:00ގައި ކޯޓަށް ހާޒިރުވުމަށް ސިރާޖަށް ޗިޓު ފޮނުވާފައިވާ އިރު، ފަނޑިޔާރުގެއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވެސް އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައެވެ.

ސުޕްރީމް ކޯޓުން ފޮނުވި ޗިޓުގެ ފޮޓޯއާއެކު ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޯޓަށް ދުވާލަކު ދެ ފަހަރު ހާޒިރުކުރިޔަސް ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ބުނާ ސްޓޭންޑް ބަދަލެއް ނުކުރާނެ ކަމަށާއި އަދި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާކުރަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެ ކަމަށެވެ.

"މިއަދު 15:00އަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަޅުގަނޑަށް ޗިޓު ފޮނުވައިފި. ސުޕްރީމް ކޯޓަށް ދުވާލަކު ދެ ފަހަރު ހާޒިރުކުރިޔަސް ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ބުނާ ސްޓޭންޑް ބަދަލެއް ނުކުރާނަން، އަދި އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާކުރަން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން،" އޭނާ ވިދާޅުވިއެވެ.

އިއްޔެ ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ފަހު ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކުރީ، އެވާހަކަ ދެއްކެވި ސަބަބު ހޯއްދެވުމަށް ކަމަށެވެ.