އާޓިފިޝަލް ބީޗު ޕާކެއްގެ ގޮތުގައި ރޯދަ މަހަށް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ.
"ރޯދައަށް ހުޅުވޭތޯ މި މަސައްކަތްކުރަނީ. މުޅި އެކުން މަސައްކަތްތައް ނިންމާ ނުލެވުނު ނަމަވެސް، ޕާކެއްގެ ގޮތުގައި އާންމުންނަށް ބޭނުން ކުރެވޭނެ. ހިނގަން އޮންނަ ތަނާއި ގަސްތަކާއި ކުޑަތަކާއި އުނދޯލިތަކާއި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރި ވެސް ހިމެނޭނެ. އިރާދަކުރެއްވިއްޔާ ރޯދައަށް ހުޅުވޭނެ،" އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މޫދަށް އެރޭ ސަރަހައްދަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށާއި އެގޮތުން މިހާރު އެ ސަރަހައްދު ކުރިއަށްވުރެ ފުންކޮށް، މޫދަށް އެރޭ ސަރަހައްދު ބޮޑުކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އެ ސަރަހައްދު ތަރައްގީކުރުމަށް ބުނެ، އެ ސަރަހައްދުގައި ހުރި ގަސްތައް ވެސް ކެނޑިއެވެ. ނަމަވެސް ވެރިކަން ބަދަލުވެގެންދިޔަ އިރުވެސް، މަސައްކަތް ފެށިފައެއް ނުވެއެވެ.