ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސްފިއެވެ.
މީގެ ކުރިން ކަޅުއޮށްފުންމީގެ ނަކަލު ބާއްވާފައި އޮތީ އާރަށުގައެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކަޅުއޮށްފުންމި މާލެ ގެނައުމަށް ނިންމީ މިދިޔަ ހޯމަ ދުވަހުއެވެ.
އެ ވުޒާރާއިން ބުނީ، ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އުތީމު މަހާރަދުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި، ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ ގޮތަށް އަދި ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.
އެހެންކަމުން، އުތީމު މަހާރަދުން ބެންނެވި އޮޑި، "ކަޅުއޮށްފުންމި"ގެ ނަކަލު ގެނެސް ބަހައްޓަން އެންމެ ރަނގަޅު ސަރަހައްދަކީ ކަޅުވަކަރު މިސްކިތް ހުރި މައިދާނު ކަމަށާއި އެ ސަރަހައްދަކީ މާލެ އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ފައިމަގުގައި، މާލޭގެ ތަންތަން ބަލައިލުމަށް ފައިބާ ފުރަތަމަ މަންޒިލު ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ސަރަހައްދުގައި ގައުމީ ދާރުލްއާސާރާއި، ގައުމީ ކުތުބުހާނާ އާއި، ސަލްޓަންޕާކްގެ އިތުރުން މާލޭގެ އިސްލާމީ މަރުކަޒު އަދި ސިފައިންގެ މައި މަރުކަޒުވެސް ހުރެއެވެ. އަދި އިސްލާމީ މަރުކަޒު ކުރިމަތިން އޮންނަ ޖުމްހޫރީ މައިދާނަކީވެސް ގިނަ ޓޫރިސްޓުންނަށް ޝައުގުވެރި ތަނެކެވެ.
ކަޅުއޮށްފުންމީގެ ނަކަލު، މާލޭ ބަނދަރަށް ގެނައީ ރޭ 11:30 ހާއިރު، މުދާ އުފުލާ ބަނޑެއްގައެވެ. އަދި މާލޭގެ އެއް ނަންބަރު ފާލަމަށް އެ އުޅަނދު ކައިރިކުރުމަށްފަހު، އެއްގަމު އުޅަނދެއްގައި މިހާރު ވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދަށް ގެންގޮސްފައެވެ.
ކަޅުއޮށްފުންމިއަކީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށެވެ.
ދިގުމިނުގައި 51 ފޫޓު ހުންނަ އެ ނަވު، މޫދަށް ބާލާފައިވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށްފަހު އެ އޮޑި އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އާރަށަށް އެހެލައިފައެވެ. އެ ނަވު، މިހާރު މާލެ ގެނެސްފައިވާ އިރު، ޗާންދަނީ މަގުގައި ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި އެ ނަވު އާންމުންނަށް ފެންނާނެހެން ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި ބަހައްޓާ ސަރަހައްދުގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި އެތަނުގައި އޮޑިހަރުގެއަކާއި ކަޅުއޮށްފުންމި ބަލައިލަން ތިބެވޭނެ ޕްލެޓްފޯމެއް ވެސް ހަދާނެ ކަމަށެވެ.