ޚަބަރު

ވަގުތީ ގޮތުން ގައިދީން ބައިތިއްބަން ހުޅުމާލޭ ޖަލުގައި 40 މީހުންގެ ޔުނިޓެއް ހަދަނީ

ފާތިމަތު ލިޔުޝާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ހުޅުމާލޭ ޖަލުގައި 40 މީހުންގެ ޖާގައިގެ ހޮލްޑިން ޔުނިޓެއް ހަދަން ނިންމައި، އެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އަންނަ މެއި މަހުގެ ކުރިން ނިންމަންޖެހޭ އެ ޔުނިޓުގެ ބިންގާ އަޅައިދެއްވީ އިއްޔެ އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ.

ކަރެކްޝަނުން ބުނީ، ހުޅުމާލޭ ޖަލުގައި ހަދާ އެ ޔުނިޓުގެ ބޭނުމަކީ އެ ޖަލަށް އަލަށް ގެންނަ ގައިދީންނާއި ބަންދު މީހުން އެހެން ޖަލުތަކަށް ގެންދެވެންދެން ބޭތިއްބުމާއި އެކި ބޭނުންތަކަށް މާލެ ގެންނަ ގައިދީންނާއި ބަންދު މީހުން ގެންނަ ބޭނުން ނިމި އަނބުރާ އެ ޖަލުތަކަށް ގެންދެވެން ދެން ބޭތިއްބުން ކަމަށެވެ.

މީގެ ކުރިން ޓްރާންސިޓްކޮށް މާލެއަށް ގެންނަ ގައިދީންނާއި ބަންދު މީހުން ބަހައްޓަނީ މާލޭ ޖަލުގައެވެ. ނަމަވެސް މި މަހުގެ ހަތްވަނަ ދުވަހު މާލޭ ޖަލު ވަނީ ބަންދުކޮށްފައެވެ. މާލެ ޖަލު ހުސްކުރަން ނިންމީ، މާލޭ ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލު ހުރުމުން ސްކޫލުގެ ބައެއް ކުދިންގެ ކަންބޮޑުވުންތައް ހުރުމުންނެވެ.

މާލޭ ޖަލު ބަންދުކޮށް، އެތަނުގައި ތިބި މީހުން ބަދަލުކުރީ މާފުށީ ޖަލަށާއި އައްސޭރި ޖަލަށެވެ. އަދި ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން ބޭތިއްބުމަށާއި ކޯޓަށް ގެންނަ ގައިދީން ބޭތިއްބުމަށް ކަރެކްޝަންސްގެ އެނެކްސް އެކެއްގެ އިމާރާތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.