ޚަބަރު

އޭޕްރީލް މަހުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރުތައް ބާއްވަނީ

މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަފުތާގެ ހަތަރު ދުވަހު، ހއ. ހޯރަފުއްޓަށް ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭޕްރީލް މަހުން ފެށިގެން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ހޯރަފުއްޓަށް ފުލައިޓުތައް ބާއްވާނެ ކަމަށެވެ.

މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ބާއްވާނީ މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން، ހޯރަފުއްޓަށް މިހާރު ދަތުރުތައް ބާއްވަނީ ހަމައެކަނި އާދިއްތަ ދުވަހާއި ބުދަ ދުވަހުއެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ އެއާޕޯޓަށް ދަތުރުތައް ފަށާފައިވަނީ ވެސް އެ ދުވަހުއެވެ.