ޚަބަރު

ބައިސްކޯފްގެ މަހު ފީ، އުރީދޫ އެމްފައިސާ މެދުވެރިކޮށް ދެއްކޭ ގޮތް ހަދައިފި

ފާތިމަތު ލިޔުޝާ

ރާއްޖޭގައި ބޭނުންކުރާ މަޝްހޫރު މީޑިއާ އެޕްލިކޭޝަން ބައިސްކޯފްގެ މަހު ފީ، އުރީދޫ އެމްފައިސާ މެދުވެރިކޮށް ދެއްކޭ ގޮތަށް ހަދައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ، އެ ކުންފުންޏާއި ބައިސްކޯފްގެ އެ އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމްފައިސާ ބޭނުންކޮށްގެން ބައިސްކޯފް ޕޭމަންޓް ދައްކާލެވޭނެ ކަމަށެވެ.

އެގޮތަށް ނިންމީ ބައިސްކޯފްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިންމުކަން ރަމްޒު ކޮށްދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.

"އުރީދޫ އާއި ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނާޝިޕާއެކު ކުރިއަށް އޮތަތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރުތައް ލިބިގެންދާނެ،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ބައިސްކޯފް އެޕްލިކޭޝަނަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމާއި ޑްރާމާ އަދި މިއުޒިކާއި ވީޑިއޯ ބަލައިލެވޭ އެޕްލިކޭޝަނެކެވެ.

ބައިސްކޯފުން ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބަލައިލެވޭނެއެވެ. ކޮންމެ މީހަކުވެސް ބަލަން ބޭނުންވާ ފަދަ ކޮންމެ ކޮންޓެންޓެއް ބައިސްކޯފުން ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

ބައިސްކޯފްގެ އެންމެ ފަހުގެ އެޕް ޑާއުންލޯޑު ކުރުމުން، އެމްފައިސާ ބޭނުންކޮށްގެން ފީ ދެއްކޭނެއެވެ. އެމްފައިސާއަށް ރެޖިސްޓާވުމަށް، އުރީދޫ އެޕް http://ore.do/mf ޑައުންލޯޑު ކުރުމުން އެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.