ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރަސްމީ ރެފްރީ ބެޖު ލިބުނު 11 ރެފްރީއަކަށް މިއަދު ރަސްމީކޮށް ބެޖު ހަވާލުކޮށްފިއެވެ.
މިއަދު ގައުމީ ދަނޑުގެ ސެމިނާ ރޫމްގައި ބޭއްވި ހާއްސަ އިވެންޓެއްގައި ރަސްމީކޮށް ރެފްރީންނަށް ބެޖު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފެވެ. މިފަހަރު ރާއްޖޭގެ 11 ރެފްރީއެއް ބެޖު ހާސިލްކޮށްފައިވަނީ މިދިޔަ އަހަރު އިންސާފުކުރި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސަބަބުންނާއި ތިއަރީ އަދި ފިޒިކަލް ޓެސްޓުންވެސް ފާސްވުމުންނެވެ.
މިއަދު ބެޖު ހަވާލުކުރި ރެފްރީންގެ ތެރެއިން ފީފާ އެލީޓް ރެފްރީންގެ ގޮތުގައި ތިން ރެފްރީން ވަނީ ހިމަނައިފައެވެ. އެ ތިން ރެފްރީންނަކީ، މުހައްމަދު ޖާވިޒް (ޖޭޑް)، އާދަމް ފަޒީލް އަދި ހުސެއިން ސިނާނެވެ. އޭގެ އިތުރުން ރެފްރީންގެ ތެރެއިން ދެން ފީފާ ބެޖު ލިބުނީ ޒަހީރު ހުސެއިންއަށެވެ.
ފީފާ އެލީޓް އެސިސްޓަންޓް ރެފްރީންގެ ބެޖް މިއަހަރު ލިބުނީ، ޖައުފަރު ރަޝީދު، އަހުމަދު އަބްދުﷲ، ނިއުޝާދު މުހައްމަދު، އަހުމަދު ހަސަން އަދި އަހުމަދު އަފްސަހު އަށެވެ. އޭގެ އިތުރުން، ފީފާ އެސިސްޓަންޓް ރެފްރީންގެ ބެޖް ދެން ލިބުނީ އަބްދުﷲ ޝާތިރު އަދި ރައީފް ރައޫފަށެވެ.
މިދިޔަ އަހަރަކީ ދިވެހި ރެފްރީ ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުން ގިނައިން ފެނުނު އަހަރެކެވެ. ޖުލައި މަހު އިންޑިއާގައި ނިމުނު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު މަހު ނިމުނު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ދިވެހި ރެފްރީން ފެނުނެވެ.
އޭގެ އިތުރުންވެސް މާޗު މަހު ނޭޕާލްގައި ކުރިއަށްދިޔަ ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގައިވެސް ރާއްޖޭގެ ސީނިއާ ހަތަރު ރެފްރީއަކަށް ފުރުސަތު ލިބުނެވެ. އަދި ވޯލްޑް ކަޕް ކޮލިފިކޭޝަނާއި އޭޝިއަން ގޭމްސްގައިވެސް ދިވެހި ރެފްރީން މަސައްކަތް ކުރިއެވެ.