ޚަބަރު

ވިލިނގިލިން ހޯއްގޮވާ ކެއްސުމުގެ ތިން ކުއްޖަކު ޕޮޒިޓިވްވެއްޖެ

ގއ. ވިލިނގިލިން ޕާޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓޫސިސް ބައްޔަށް ވިލިނގިލިން މިމަހުގެ ތެރޭގައި ތިން ކުދިން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން އެ ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައިވީ ނަމަވެސް ބަލީގެ ކޭސް ރާއްޖޭގައި ވަރަށް މަދުން ފެންނަމުންދާ ކަމަށެވެ.

އެ ބައްޔަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލު ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުން
  • ބައްޔަށް ޕޮޒިޓިވެވފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުން
  • ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކުރުން
  • ބަލީގެ އަލާމާތް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުން
  • ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލުކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ދަނީ ކުރަމުން

"ޕާޓޫސިސް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ޕާޓޫސިސް ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެއެވެ..،" އެ ބައްޔާ ގުޅޭގޮތުން އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ އެ ބަލި ޖެހުމުން ތުއްތު ކުދިންނަށް ނުރައްކާ ބޮޑު ކަމަށާއި އެހެންކަމުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން އެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ހުރި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އޭގެ އިތުރުން ރޯގާ ޖެހި، ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެން ދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ، ނުވަތަ ދިގު މުއްދަތަކަށް ފަރުވާކުރާ އެހެން ބައްޔެއް ހުރިނަމަ، ނުވަތަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކުނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.