އަމީތާބް ބަޗަން

850 ދަނޑުވެރީންގެ ލޯނުތައް އަމީތާބް ދައްކައިދެނީ

އުއްތަރު ޕްރަދޭޝް އިން 850 ދަނޑުވެރީން ހޯދައި، އެމީހުންގެ ލޯނުތައް ބޮލީވުޑްގެ އައިކޮން އަމީތާބް ބަޗަން ދައްކައިދޭނެ ކަމަށް އޭނާ ބުނެފިއެވެ.

އަމީތާބްގެ އަމިއްލަ ބްލޮގްގައި ލިޔެފައިވާ ގޮތުގައި 850 ދަނޑުވެރީންގެ ލޯނަށްވާ 5.5 ކްރޯޑް ރުފިޔާ އޭނާ ދައްކައިދޭނެ އެވެ. ދަނޑުވެރީން ލޯނު ނަގާފައިވާ ބޭންކުތަކާ މި މައްސަލައިގައި އިތުރަށް ވާހަކަ ދައްކަމުން ންނަ ކަމަށް ވެސް އަމީތާބު ބުނެފައިވެ އެވެ.

76 އަހަރުގެ އަމީތާބު ވަނީ މީގެ ކުރިންވެސް ގައުމަށްޓަކައި ޝަހީދުވެފައިވާ 44 އާއިލާއަކަށް އެހީގެ ގޮތުގައި ފައިސާ ދީފައެވެ. މި އާއިލާތައް ހޯދީ ސަރުކާރުގެ އެހީގައެވެ.

އަމީތާބު ބުނިގޮތުގައި މި ކުރެވެނީ ވަރަށް ހިތްހަމަޖެހުން ގެނުވައިދޭ މަސައްކަތެކެވެ. އަދި ގައުމުގެ އިތުރު ދިމާތަކަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދޭން ޖެހޭކަމަށް ގަބޫލު ކުރާ ކަމަށާއި ވަރަށް އަވަހަކަށް އެމަސައްކަތްތައްވެސް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ހަށިވިއްކުމުގެ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެން ޖެހިފައިވާ އަންހެނުން ސަލާމަތްކުރުމަށް މަސައްކަތްކުރާ އަޖީތް ސިންގަށް ވެސް އަމީތާބް ވަނީ ފައިސާގެ އެހީދިނުމަށް ނިންމާފައެވެ. މީގެ އިތުރުން ނަފްސާނީ ބަލި މީހުނަށް އެހީވާ ސަރްބާނީ ދާސް ރޯއި އަށް ވެސް ފައިސާގެ އެހީވުމަށް އަމީތާބް ވަނީ ނިންމާފައެވެ.