ޚަބަރު

ކުދި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވާނަން: އާޒިމް

މާލޭގެ ކުދި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރުކަމާ ރޭ ހަވާލުވެވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، މޭޔަރުކަމުގެ ކެމްޕޭނުގައި މާލޭގައި ދޮރުން ދޮރަށް ހިންގެވިއިރު ފާހަގަކުރެއްވުނު އެއް ކަމަކީ ކުދި ގޯޅިތަކުގައި އަދި ދުއްވާ ތަކެތި ވަނުން މަނާ ގޯޅިތަކުގައި ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ކަމަށެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގެ ވެށިފާރަވެރީންނާއި ފުލުހުން ގުޅިގެން އެފަދަ ތަންތަން ހުއްޓުވަން މަސައްކަތް ފަށާނެ ކަމަށެވެ.

"ހާއްސަކޮށް ތަރުކާރީ ފިހާރަތަކާ އެއްޗެހި ހިންގާ. އެ އެއްޗެހި ވިއްކާފަ މުޅި މަގުމައްޗަށް ކުނިބުނި އަޅާފަ އެމީހުން އެ ދަނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.