ޚަބަރު

ހުޅުމާލޭގައި އިސްލާމީ ތައުލީމަށް ހާއްސަ ސްކޫލެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި އާ ސްކޫލެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެ ބުނީ އެ މަސައްކަތް ހަވާލުކުރީ އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް އެވެ. މަދީނާ އިންވެސްޓުމެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހުސަން އެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކެއާ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީކުރާނެ ކަމަށެވެ. އެ މިސްކިތް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ސްކޫލުގައި ދެ އަހަރާއި ފަސް އަހަރުގެ ތެރޭގައި ޕްރީ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެއަށްފަހު ގްރޭޑު އެކަކުން ފެށިގެން 10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭނެ ފެންވަރަށް ސްކޫލް ތަރައްގީ ވެގެންދާނެ ކަމަށެވެ. އަދި މަތީ ތައުލީމަށް ކިޔެވޭ ފެންވަރަށް ވެސް އެ ސްކޫލް ތަރައްގީ ކުރެވިގެންދާނެ ކަަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމެއް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ސްކޫލުން ފުދުންތެރިކަން ދަށް ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.