އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު އަދި އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކުރައްވައިފިއެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމަށް ފިފްޝީން އައްޔަންކުރެއްވީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
ފިފްޝީނަކީ ކާޓިން ޔުނިވާސިޓީން ބެޗެލާސް އޮފް ކޮމާސް އަދި އެޑިތު ކޯވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ފިފްޝީން، ފައިނޭންސް ދާއިރާއިން ކެރިއަރު ފެއްޓެއްވީ 2003 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ. ބީއެމްއެލްގައި މަސައްކަތް ކުރެއްވި އިރު، ފިފްޝީން ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް، ހެޑް އޮފް ޗެނަލް މެނޭޖްމެންޓު އަދި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓުގެ މަގާމު އަދާކުރައްވައިފައެވެ.
ފިފްޝީން ވަނީ ބީއެމްއެލްގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އެގޮތުން ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގައި އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައި، އެކަމުގެ ތަޖުރިބާ ހާސިލު ކުރައްވައިފައެވެ.
އެސްޑީއެފްސީން ބުނީ، ފިފްޝީންގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން އެ ކުންފުންޏަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެސްޑީއެފްސީގެ ފައިނޭންސް އެންޑް ޓެކްނޮލޮޖީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ފިފްޝީން އެންމެ އިސްކަމެއް ދެއްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށާއި، އަލަށް ވިޔަފާރިތައް ފެށުމަށް ހިތްވަރުދިނުމަށް ކަމަށް އެސްޑީއެފްސީން ބުންޏެވެ.