ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން ކަނޑުވި ދެ މީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ޑިންގީ ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:23 ހާއިރު ކަމަށެވެ. ބަންޑުން ޖަހާލި ޑިންގީއަކީ ށ. މިލަންދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޑިންގީ ބަންޑުން ޖަހާލުމުން ކަނޑުވި ދެ މީހުން ފެނިފައިވާ ކަމަށާއި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެމީހުން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށް ކަމުގެ މައުލޫމާތު މިރޭ 12:21 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ބަންޑުން ޖަހާލި ޑިންގީގެ ވެރިޔާ އަބްދުﷲ ހަލީލު "ވަން" އަށް މިރޭ ވިދާޅުވީ ޑިންގީން ދަތުރުކުރީ ދެ މީހުން ކަމަށެވެ. އެއީ އޭނާގެ ކޮއްކޮއެއް ކަމަށްވާ އަހުމަދު އިހުސާން (38) އާއި ކޮއްކޮގެ ރަހުމަތްތެރިއެއް ކަމަށެވެ.
"ޑިންގީ ދިޔަވާތީ ކޮއްކޮ ގުޅާފަ ބުނީ މާބޮޑު ކަމެއް ނޫނޭ. ދިޔަ ހިއްކާފަ އާދެވޭނެއޭ. ފަހުން ގުޅާފަ ބުނީ އަޑިއަށް ދަނީއޭ. އެފަހުން އެ މީހުންގެ ހަބަރެއް ނުވޭ. 12:10 ގައި އަޅުގަނޑު ގުޅިން އެކޮޅަށް، ފޯނު ނެގިޔަސް ވާހަކަ ދައްކާ އަޑެއް ނުއިވޭ. ދެ ފަހަރު ގުޅިން. ވާހަކަ ދައްކާ އަޑެއް ނުއިވޭ،" ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ އެފަހުން އެ މީހުންގެ ހަބަރެއް ވެފައިނު ނުވާ ކަމަށެވެ.