މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ އެންމެ 22 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ފަރާތްތަކުގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގައި ހަމަވާނެ ކަމަށާއި، އަދި މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ އެންމެ 22 ފަރާތަކުން ކަމަށެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މި މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވައިފި ނަމަ، އެއީ އެ ފަރާތަކަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ކުށެއް ކަމަށެވެ.
އަކްރަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 2019 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނެ ތަނާއި ވަގުތުތައްވެސް ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ 27 އޭޕްރީލް ވާ ހޮނިހިރު ދުވަހުގެ ރޭ 12:00 ގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް މާލީ ބަޔާން ބަލައިގަންނާނެ ކަމަށާއި ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 12:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 އިން ރޭގަނޑު 12:00 އަށް ފުރުސަތު އޮންނާނެ ކަމަށެވެ. ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަތުން އޮންނާނީ އިލްކްޝަންސް ކޮމިޝަންގެ ފަސްވަނަ ފަންގިފިލާއިންނެވެ.