މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، މޭޔަރުގެ މަގާމުގެ ހުވާ މިރޭ ކުރައްވައިފިއެވެ.
އާޒިމް، މޭޔަރުގެ މަގާމުގެ ހުވާކުރެއްވީ ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އާޒިމަށް މޭޔަރުގެ މަގާމަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މިރޭގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވެވަޑައިގެންނެވި ތިން ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީގެ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން މާލޭ ސިޓީގެ ކައުންސިލް މަގާމަށް އަލަށް އިންތިހާބުވި މެމްބަރުންނާއި މިހާރު ކައުންސިލުގައި ތިއްބެވި މެމްބަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން ބާއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ އިންތިހާބުގެ ރަސްމީ ނަތީޖާ އާންމުކުރީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ރަސްމީ ނަތީޖާގައިވާ ގޮތުން މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާޒިމަށް ލިބިވަޑައިގެންނެވީ 7،621 ވޯޓެވެ. އެއީ އިންތިހާބުގެ 44.81 ޕަސަންޓެވެ. ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ. އެއީ އިންތިހާބުގެ 29.58 ޕަސަންޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފު ފާތިހުއަށް 2،343 ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ އިންތިހާބުގެ 13.78 ޕަސަންޓެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ހުސެއިން ވަހީދަށް ލިބިވަޑައިގެންނެވީ 1،888 ވޯޓެވެ. އެއީ އިންތިހާބުގެ 11.10 ޕަސަންޓެވެ. އަދި ޝުއައިބު އަލީއަށް 125 ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ އިންތިހާބުގެ 0.73 ޕަސަންޓެވެ.
މާލޭ ސިޓީގެ ކައުންސިލުގެ ބައި-އިލެކްޝަން ބާއްވާފައިވަނީ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނާއި، ރައީސް މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލުގައި ތިއްބެވި ތިން މެމްބަރަކު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.