ރ. މީދުއަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ ރޯދައިގެ ކުރިން ހައްލުވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މީދޫ ބުރާންޗްގެ ޑެޕިއުޓީ މެނޭޖަރު ހުސައިން އަލީ ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ހުސައިން އަލީ ވިދާޅުވީ މިހާރު މީދުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ގޮތެއްގައި ހައްލު ލިބިގެންދާނީ އާ ޖަނަރޭޓަރު ލިބުމުން ކަމަށާއި ޔަގީނުންވެސް ރޯދަމަސް އައުމުގެ ކުރިން ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އާ ޖަނަރޭޓަރު މާލެ ގެނެސްފައިވާނެ ކަމަށާއި މާދަމާ ކަސްޓަމުން ކުލިއާކުރެވި ވީ އެންމެ އަވަހަކަށް މީދުއަށް އާ ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައެވެ.
މީދޫ ކައުންސިލްގެ ނައިބު ރައީސް ނާޖިހު ޖަމީލު ވިދާޅުވީ މީދުއަށް ކަރަންޓުގެ މައްސަލަތަށް ކުރިމަތިވެގެން އުޅޭތާ މިހާރު ގާތްގަނޑަަކަށް އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ. މިރޭވެސް ކަރަންޓު ދެމުންގެންދަނީ އެކި އަވަށްތަކަށް ބަހައިގެން ކަމަށެވެ.
ފެނަކައިން ބުނީ ކަރަންޓަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި މިރޭވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިރޭ 10:30 ނުވަތަ 11:00 ހާއިރު މުޅި ރަށަށް ކަރަންޓު ލިބޭނެ ކަމަށެވެ.