ޚަބަރު

އިންފްލުއެންޒާ ޖެހިގެން ފަރުވާ ހޯދަމުން އައި 35 އަހަރުގެ މީހަކު މަރުވެއްޖެ

އައިޝަތު އަފްޝަން

އިންފްލުއެންޒާ ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އިންފްލުއެންޒާ ޖެހިގެން މަރުވީ 35 އަހަރުގެ އަންހެނަކު ކަމަށެވެ. އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހުވެސް އިންފްލުއެންޒާ ޖެހިގެން މީހަކު މަރުވެފައިވެއެވެ.

މި ދުވަސްވަރު އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅާ އަޅައިބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ހަފުތާތެރޭގައި ޕޮޒިޓިވް ވި މީހުންގެ އަދަދު އިތުރުކަން އެޗްޕީއޭއިން ފާހަގަ ކުރިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ދެ ހަފުތާ ޕޮޒިޓިވްވި އަދަދު

  • ނޮވެމްބަރު 2023: 24
  • ޑިސެމްބަރު 2023: 24
  • ޖެނުއަރީ 2024 (ފުރަތަމަ ދެ ހަފުތާ): 19

އެޗްޕީއޭއިން ބުނީ ސަރަހައްދީ ގައުމުތަކުގައިވެސް އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ދަތުރުފަތުރު ކުރާއިރު ސަމާލުކަން ބެހެއްޓުމަށް އިލްތިމާސް ކުރިއެވެ.