ކ. ފުނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިއުލް ފާމް، މާގިރި ފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ފުނަދޫ ފިއުލް ފާމް، މާގިރި ފަޅަށް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއިން ކުރަން ވަޒީރުންގެ މަަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ދަރުބާރުގޭގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފުނަދޫގައި މިހާރު ކުރަމުންދާ ތެޔޮ ރައްކާކުރާ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރަން ސަރުކާރުން ނިންމާފާއިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ކުރިއަށްއޮތް 18 މަސް ދުވަހާއި 24 މަސް ދުވަހުގެ ތެރޭގައި ފުނަދޫގެ އޮއިލް ސްޓޯރޭޓް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ. ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް އިކޮނޮމިކް ޒޯނުން އަންނަ ފަސިންޖަރުންނަށް ޓްރާންސިޓް ހޮޓެލްތަކާއި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި އެންޓަޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކާ އެކުގައި ތަރައްގީކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ފުނަދޫ ފައިނޭންޝަލް ސެންޓަރަކަށް ބަދަލު ކުރުން އެއާޕޯޓުގެ ތަރައްގީއަށް ވެސް މުހިންމު ކަމަށެވެ.