ޚަބަރު

ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަން ދަމަހައްޓަން އެމެރިކާއިން ތާއީދު!

އައިޝަތު އަފްޝަން

ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަން ދަމަހައްޓަން އެމެރިކާއިން ތާއީދު ކަމަށް އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑު އެޑްމިރަލް ޖޯން އެކުއިލިނޯ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ އެކުއިލިނޯ އެހެން ވިދާޅުވީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކަމަށެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެލެއްވުމާ ގުޅިގެން އެކުއިލިނޯ މަރުހަބާ ދަންނަވާފައިވާ އިރު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ ވާހަކައަށް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ އިތުރު ގޮތްތަކާ މެދު ރައީސްއާ މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމްއެންޑީއެފުގެ މީހުން ތަމްރީނުކުރުމަށް އެމެރިކާއިން ދޭ ފުރުސަތުތަކަށް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެކަމާ ގުޅިގެން އެކުއިލިނޯ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޑިފެންސް ފޯސް އިތުރަށް ބާރުވެރި ކުރުމަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.