ޚަބަރު

ފަރުވާއަށް މާލެ ގެނައުން ލަސްވެގެން ކުއްޖަކު މަރުވި މައްސަލައިގައި ހިއުމަންރައިޓްސް ކޮމެޓީ މިއަދު ބައްދަލުވަނީ

އިބްރާހިމް ޒަކީ

ފަރުވާއަށް ގއ. ވިލިނގިލިން މާލެ ގެނައުން ލަސްވެގެން ކުއްޖަކު މަރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ބުނީ، އެކަމާ ބެހޭގޮތުން މިއަދު މެންދުރު 12:00 ގައި ކޮމިޓީ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އޮންނާނީ ފަރުވާ ހޯދަން ވިލިނގިލިން އެކުއްޖާ މާލެ ގެނައުން ލަސްވެގެން މަރުވި މައްސަލައާބެހޭ ގޮތުން މަޝްވަރާކުރުން ކަމަށްވެސް ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހާލު ދެރަވެގެން މާލެ ނުގެނެވި ގިނައިރުވުމާ ގުޅިގެން އިއްޔެ މަރުވެފައި ވަނީ، ގއ. ވިލިނގިލީ ޕެންޒީއާގެ އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދެވެ.

އެ ކުއްޖާގެ ބައްޕަ މުހައްމަދު ހާލިދު "ވަން" އަށް މައުލޫމާތުދެމުން ބުނީ، އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ނުގެނެވި ލަސްވީ ޝެޑިއުލް ފުލައިޓެއް ނުލިބިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނެވުނީ މާލެ ގެނައުމަށް އެދުނުތާ 16 ގަޑިއިރު ފަހުންނެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެ ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.