ހުވަދު އަތޮޅު ދެކުނުބުރީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ހުވަދު އަތޮޅު ދެކުނުބުރީގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރެއްވުމުން އެއަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެމީހުންގެ އުއްމީދުތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި ކަމުގައެވެ. މިގޮތުން، އަތޮޅުގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން މެންބަރުން ހިއްސާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި، ހުރިހާ ދާއިރާއަކުން އަތޮޅު ތަރައްގީކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
ހިންގުމުގެ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ ދައުރު އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިންގުން ހަރުދަނާ ކުރެވޭ ގޮތްތަކާމެދުވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ވީހާވެސް ބޮޑަކަށް ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ޒިންމާތައް ސަރުކާރުން ދޫކޮށްލަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އުމްރާނީ ވަސީލަތްތައް އިތުރުކޮށް، އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމުގައި ސަރުކާރުން ރާވާފައިވާ ކަންކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައި މިނިސްޓްރީތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުންގެންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.