ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމާ ބެހޭ ގަވާއިދެއް ހަދައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމާ ބެހޭ ގަވާއިދެއް ހަދައިފިއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއްޔެ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމާއި މަސައްކަތް ކުރުމާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާ ދިނުމާއި މަސައްކަތުގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެ މީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެއްވެސް ފަރާތަކުން އެ މީހުންނާ މެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުން ގަވާއިދުގެ މަގުސަދުގައި ހިމެނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތުން، އެ ފަރާތަށް މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދީ، މަސައްކަތުގެ މާހައުލުގައި އެ ފަރާތްތައް ޝާމިލު ކުރާނެ ގޮތްތަކުގެ އުސޫލުތައް ކަނޑައެޅުމަކީ ވެސް ގަވާއިދުގެ މަގުސަދެކެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭ ތަންތަނަކީ، އެފަދަ މީހުންނަށް ވަޒީފާ ދިނުމަށް އެކަށީގެންވާ ތަނަކަށް ވާން ޖެހެއެވެ. ވާޒީފާ ދޭ ތަނަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ތަނެއް ކަމަށް ކަނޑައަޅާނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީންނެވެ.

ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ކޮންމެ އިދާރާއެއްގައި ވަޒީފާއަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް، މަދުވެގެން ދެ ޑިސްއެބިލިޓީ ލިޔޭޝަން އޮފިސަރުން ތިބެންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ފުރުސަތުތަކާއި ލުއިތަކާއި ފަސޭހަތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި އެ ފަރާތްތަކަކީ ދަފުތަރުވެފައިވާ ފަރާތްތަކަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ އަސާސީ ޕްރޮފައިލް ހެދުން ޝަރުތުގައި ހިމެނޭ ތައުލީމާއި ތަޖުރިބާ ލިބިފައި ނެތް ފަރާތެއްނަމަ، ފަހި ފުރުސަތުގެ ތެރެއިން ވަޒީފާއެއް ހަމަޖެއްސުމުގެ ކުރިން ނުވަތަ އިންޓާންޝިޕެއްގެ ފުރުސަތު ފަހިކޮށްދިނުމުގެ ކުރިން، އެ ފަރާތެއްގެ ކޮމްޕިޓެންސީ ޕްރޮފައިލެއް ތައްޔާރުކުރަން ޖެހެއެވެ. ވަޒީފާގެ ފުރުސަތު ނުވަތަ އިންޓާންޝިޕްގެ ފުރުސަތު އެ ފަރާތަކަށް ފަހިކޮށްދޭނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާ ދޭ ކޮމެޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ.

ކޮމެޓީ އެކުލެވިގެންވާ ގޮތް:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް އެ ފަރާތްތައް ބާރުވެރިކުރުމަށް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
  • ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން އެ ކޮމިޝަނުން ކަނޑައަޅާ
  • "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް" ގެ މެންބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ފަރާތެއް
  • އޮފީސްތަކުން އައްޔަނުކުރާ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް
  • ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކަނޑައަޅާ ފަރާތެއް
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ފަރާތެއް
  • މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކަނަޑައަޅާ ފަރާތެއް
  • ޕްރައިވެޓް ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތައް ތަމްސީލު ކުރާ ފަރާތެއް
  • މިނިސްޓްރީގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ދައުލަތުގެ މާލީ ކަންކަންމާ ގުޅުން ހުރި ވުޒާރާގެ ހުއްދައާ އެކު އެލަވަންސެއް ކަނޑައަޅަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.