ކުރީގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ބަދަލުގައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީ ކިޔަން ރަސްމީކޮށް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް، އެ ކުންފުނީގެ ނަމުގެ ގޮތުގައި އާބަންކޯ ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް އެކަކުން ފެށިގެންނެވެ. އެ ކުންފުނި ރީބްރޭންޑް ކުރުމުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ބައިވެރިއަކަށް އާބަންކޯ ހެދުން ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.
މިއަދު ހެނދުނު ވަނީ އެޗްޑީސީގެ ލޯގޯ އިފްތިތާހުކޮށް ރަސްމީކޮށް އެޗްޑީސީ އަލުން ވަނީ ބޭނުންކުރަން ފަށައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެޗްޑީސީން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކޮށް އަދި ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.
އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކުރުމުން ހުރި ގޮންޖެހުންތަކަށް އަލި އަޅުއްވާލައްވަމުން ފަޒުލް ވިދާޅުވީ " ކުރިން ބޭނުން ކުރަމުން އައި ނަން އަލުން އެޗްޑީސީގެ ނަމަށް ބަދަލުކުރަން ޖެހުނީ، ބޭރުބަޔަކާ މުއާމަލާތު ކުރާއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަޅުގަނޑުމެންނަށް ކިޔަނީ ކޮންނަމެއްތޯ ނޫނިއްޔާމުން އެފަރާތް ތަކަށް ކިޔަނީ ކޮންނަމެއްތޯ ވިސްނާލަންޖެހޭތީ" ކަމަށެވެ.
ކުންފުންޏެއްގެ ނަން ބަދަލުކުރުމުން ގިނަ ދުވަސްތަކެއްވަންދެން ވެސް އިންވެސްޓަރުންނާއި ރައްޔިތުންނާ މުއާމަލާތުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވާކަން ފަޒުލް ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ ނަން އަލުން އެޗްޑީސީއަށް ބަދަލުކުރުމަށް ފަހު ކުރިން ބޭނުން ކުރަމުން ދިޔަ "އާބަންކޯ"ގެ ނަން ބޭނުންކުރާނީ އެކުންފުނީގެ ދަށުން ހިންގާ "ސަބް ބްރޭޑިން" ނަމުގައި ކަމަށްވެސް ފަޒުލް ވިދާޅުއްވިއެވެ.
"ރީ ބްރޭންޑް ކުރުމަށްފަހު، އާބަން ޑިޒައިނިން އަށް އަޅުގަނޑުމެން ބޭނުން ކުރާނީ އެއީ ސަބް ބްރޭންޑިންއެއްގެ ގޮތުގައި. އާބަންކޯ ވިޔަސް ކުޑަގިރި ވިޔަސް ސްމާޓް ސިޓީ ވިޔަސް މައި ހުޅުމާލެ ވިޔަސް މީގެ ކޮންމެ އެއްޗަކީ އެޗްޑީސީގެ ސަބް ބްރޭބްޑް ތަކެއްގެ ގޮތުގައި އަޅުގަނޑުމެން ނިންމައިގެން މިދަނީ ކުރިއަށް،" ފަޒުލް ވިދާޅުއްވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ، އެޗްޑީސީގެ މުވައްޒަފުންނަކީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެޗްޑީސީ އަކީ އާންމު ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިންނާއި ބޭރުގެ އިންވެސްޓަރުންގެ މަރުކަޒު ކަމަށެވެ.