މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ރާއްޖެއަށް ރާޑަރު ސިސްޓަމްތަކެއް ހޯދަން ޑިފެންސުން އިއުލާންކޮށްފި

ރާއްޖެއަށް ރާޑަރު ސިސސްޓަމުތަކެއް ގަންނަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާޑަރު ކޮމްޕްލީޓް ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އަދި އެކަމަށް އެދޭ ފަރާތްތަކުން މިމަހު 28 ވަނަ ދުވަހު އެ މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފުކުރަން ޑިފެންސުން ވަނީ އެދިފައެވެ. އަންނަ މަހު ދެވަނަ ދުވަހުގެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަޙަޅަން އެދޭ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. ރާޑަރު ސިސްޓަމްތަކެއް ހޯދަން އިއުލާންކުރި ނަމަވެސް ހޯދަނީ ކިތައް ރާޑަރު ސިސްޓަމްކަމެއް ބުނެފައެއް ނުވެއެވެ.

މިއަހަރުގެ ފެބްރުއަރީ ހަވަނަ ދުވަހު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރާއްޖޭގައި 13 ރާޑަރެއް ބަހައްޓަން ނިންމާފައިވާކަމަށާއި ދިހަ ރާޑަރެއް ބެހެއްޓުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޝަމާލު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓަން ހަމަޖެހިފައިވާ ރާޑަރުތައް ބެހެއްޓުމުގެ ކަންކަން މޮނީޓާކޮށް ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށާއި ރާޑަރުތައް އިންސްޓޯލް ކުރާނީ އިންޑިއާ ސިފައިން ކަމަށެވެ.