ޚަބަރު

ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރުމަށް އުސޫލެއް

އައިޝަތު އަފްޝަން

އެކި ސަބަބުތަކާހުރެ މަސައްކަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ މަސައްކަތަށް ނެރެން ހާއްސަ އުސޫލެއް ހަދައި އިފްތިތާހުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު އިފްތިތާހް ކޮށްދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްހީ މަސައްކަތްތެރިން މަސައްކަތަށް ނުކުތުމަށް މަގުފަހި ކޮށްދޭން ހާއްސަ ގަވާއިދެއް އެކުލަވައިލުމަށް ކެބިނެޓުން ނިންމާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ސިއްހީ ހިދުމަތުން ދުރުވެފައިވާ ހިދުމަތްތެރިން އަނބުރާ އެ ހިދުމަތަށް ނެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ހަފުތާ 14 ގައި ކުރުމަށް ހިމަނާފައިވާ ކަމެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ އުސޫލު އެކުލަވާލާފައި ވަނީ ހެލްތު މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން ކަމަށެވެ. އެ އުސޫލުގެ ދަށުން އަލުން މަސައްކަތަށް ނުކުންނަން ބޭނުންވާ ސިއްހީ ހިދުމަތްތެރިންނާއި ނަރުހުންގެ ދަފުތަރެއް ހެލްތު މިނިސްޓްރީން އެކުލަވައިލާނެ ކަމަށާއި އެ ފަރާތްތައް މަސައްކަތަށް ނެރޭނީ ވޭޖު އުސޫލުން ކަމަށް ބުންޏެވެ.

އެގޮތުން، އެފަރާތްތައް މަސައްކަތަށް ނެރުމަށް އާންމު އުސޫލުން ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިއުލާންކުރުމެއް ނެތި، އެ ފަރާތްތަކުގެ ތައުލީމާއި ހުނަރަށް ބަލައި މެރިޓް އުސޫލުން "ސިއްހީ ދާއިރާއަށް ހާއްސަ ޑައިރެކްޓް ރެކްރޫޓްމެންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ދަފުތަރުގައި ރަޖިސްޓާ ނުކުރާ ހިދުމަތްތެރިންވެސް އަލުން މަސައްކަތަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލު ކަމަށް ބަލައި އެފަރާތްތަކަށް ދެވެން އޮތް މަގާމެއް އޮތް ނަމަ، އެ ފުރުސަތު ދެވޭނެ ގޮތްވެސް އެ އުސޫލުގެ ދަށުން ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުންނާއި ރިޓަޔާވެ މަސައްކަތާ ދުރުވެފައި ތިބި މަސައްކަތްތެރިންނަށް އެ އުސޫލުގެ ދަށުން ވަޒީފާ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުންޏެވެ.