އދ. ދިގުރަށުގައި މަރާލައި ކޮތަޅަކަށްލާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަންމައަށް ތިން ދައުވާއެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް (30އ)ގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އިއްޔެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އޭނާ ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ފާހާނާ ތަށި ތެރެއަށް ކަމަށެވެ. އަދި ވިހެއުމަށް ފަހު ފާހާނާތަށިން އެ ކުއްޖާ ނަގައި، ކޮޓަލަށް ލައިގެން ދިޔައީ އެރަށު ކުނިގޮނޑަށް ކަމަށެވެ.
"ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހާކަށްހާ އިރު، އދ. ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާތީ،" ބަޔާނުގައި ވއެވެ.
އެރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ހެނދުނުއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، ހަމަ އެ ދުވަހު ފުލުހުން އެ އަންހެން މީހާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފުރަން ގޮސް ހުއްޓައެވެ.